ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ، ހޯރޓިފާމްގެ ބޭފުޅުންނާ ބައްދަލުކުރައްވައި ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ހޯރޓިފާމްގެ ބޭފުޅުން ވަނީ ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތައް ވަޒީރާ ހިއްސާ ކުރައްވައިފައެވެ.
އަދި މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.
ވަޒީރު ރަމީލާ މިއަދު ވަނީ އެންޑީއެމްއޭގެ ބޭފުޅުންނާ ބައްދަލުކުރައްވައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއަށް އޮތްތަނުގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެއިތުރުން ވަޒީރު ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރާ ވެސް ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނޑުވެރިން އުފައްދާ މޭވާއާއި ތަރުކާރީ އެއަރ ކާގޯގެ ގޮތުގައި މާރުކޭޓުތަކަށް އުފުލުމުގައި ހުރި ގޮންޖެހުންތަކާއި އެކަން ފަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެެއްވިއެވެ.

