މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024 އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚު ފަސްކޮށްފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން މިއަދު ބުނީ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް، 17 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވައިލީ މިދިޔަ ޖުލައި މަހުގައެވެ.
މިއީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއާތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭން ނިންމާފައިވާ އެވޯޑެކެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުސޫލު” ގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެއެވެ.

