ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) އައްޔަންކޮށްފިއެވެ.
”ހުވަދޫ” އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު ވިދާޅުވީ މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް އަޝްފާޤު އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި ފަހުކޮޅުގައި ކަމަށެވެ.
އަޝްފާޤަކީ ރާއްޖޭގެ ފުޓްބޯޅައިގައި ރަންވަނަތަކެއް ހޯދި ކުޅުންތެރިއެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.
އަޝްފާޤު މި މަގާމަށް އައްޔަންކޮށްފައިވާއިރު، މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ވަނީ އައްޔަންކޮށްފައެވެ.
މުރައިދޫގޭގެ އިތުރު މަގާމަކަށް ބޭފުޅަކު ހަމަޖައްސާފައިވޭތޯ ސުވާލުކުރުމުން ޒިޔާއު ވިދާޅުވީ މުރައިދޫގޭގެ އިތުރު މަގާމަކަށް އަދި އެއްވެސް މީހަކު ހަމަޖައްސާފައިނުވާ ކަމަށެވެ.

