ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަޖުރިބާ ކުރެވެނީ މަޝްވަރާ ކުރައްވަންޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުޢިއްޒު ނިންމެވީ ޝިޔާމް އާ މަޝްވަރާ ނުކުރައްވައި ކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް، ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވީ 13 ޖޫންގައެވެ. ނަމަވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިއާޔަތްކުރައްވައި، ވަޒީރުން މަޖިލީހުގެ އެ ނިންމެވުމަށް އަމަލު ނުކުރައްވާ ގޮތަށް މިދިޔަ މަހުގެ 29 ގައި އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށްގިނަ ރައީސުން މިހާރު ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އަދި ރައީސް ޑރ.މުޢިއްޒު ތަޖުރިބާ މި ކުރެވެނީ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރަާ ކުރައްވަންޖެހޭ ގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާތަން ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އެއަށްފަހު މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ، މާލެ ސަރަހައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމަށްވާ، ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމްއިއްޔާގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.

