"އޭޝިއާ މީޑިއާ ސަމިޓް" ގެ 19 ވަނަ ބައްދަލުވުން މެލޭޝިޔާގެ ފަށައިފިއެވެ.
އޭޝިއާ މީޑިއާ ސަމިޓް އަކީ އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޮޑްކާސްޓިންއިން ބާއްވަމުން އަންނަ ސަމިޓެކެވެ. މި ސަމިޓަކީ އެ އެޖަމްޢިއްޔާއިން ކޮންމެ އަހަރަކު ތާވަލުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.
މި ސަމިޓުގައި މަތީ ފަންތީގައި ފާހަގަކޮށްލެވޭ މީޑިއާތަކާއި ދާއިރާގައި މަޝްހޫރު މީހުން ހިމެނޭހެން 44 ޤައުމުން 300އަށްވުރެ ގިނަ މީހުން މިއަހަރުގެ ސަމިޓްގައި ބައިވެރިވާއިރު އޭގެތެރޭގައި އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތައް ހިމެނެއެވެ. އަދި ދުނިޔޭގެ ބައެއް ބޮޑެތި ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.
މިއަހަރުގެ މި ސަމިޓު ޚާއްސަކޮށްފައިވަނީ ބަދަލުވަމުންދާ ދުނިޔޭގައި އެއްވެސް މީހަކު ބާކީ ނުކޮށް ޚަބަރާއި މައުލޫމާތު ލިބޭނެ ގޮތްތައް ފަހިކޮށްދިނުމާއި ޒަމާނީ ގޮތްތަކަށް މީޑިއާތަކުގެ މަސައްކަތްތައް ބައްޓަންކުރުމާއި ގުޅޭގޮތުންނެވެ. މިގޮތުން މީޑިއާތަކުގެ މަސައްކަތްތަކުގައި އަރޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ސަމިޓްގެ ޕެނަލްތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ކުރިމަގަށް މީޑިއާތައް ތައްޔާރުކުރުމާއި ގުޅޭ ގިނަ ވޯކްޝޮޕްތަކެއް މި ސަމިޓުގެ ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ. މި ވޯކްޝޮޕްތަކުގައި ދާއިރާއިން ފުޅާ ދާއިރާއެއްގައި މީޑިއާތަކާ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓް ރަނގަޅުކުރުމާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް ވޯކްޝޮޕްތައް ހިންގާފައިވެއެވެ.
އޭޝިއާ މީޑިއާ ސަމިޓް ކުރިއަށް ގެންދިއުމަށް ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. މީޑިއާތަކާއި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ އިތުރުން ކުރިއަރާފައިވާ މީޑިއާތަކުގެ ތަޖުރިބާ ހިއްސާކުރުމަކީ މިސަމިޓްގެ އެންމެ ބޮޑު ބޭނުމެވެ.

