ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ދިވެހި ބަހުގެ އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ މަރްޙޫމް ޙުސައިން ޞަލާޙުއްދީނަށް މި ޝަރަފު އެރުވުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި މި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ގައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެކެވެ. މި ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނުގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.
މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި އެ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ އަދި ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ ހެންވޭރު ހާޖަރާގޭ އަލްމަރްޙޫމް މުޙައްމަދު ތައުފީޤް ކަމަށެވެ.
މަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް މުޙައްމަދު ތައުފީޤު ކުރެއްވި ޤައުމީ ޚިދުމަތަށްޓަކައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

