އިންވެސްޓަރުންނަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ލިބޭ ގޮތަށް ރާއްޖޭގައި އިންވެސްޓް ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް ފޮރިން އިންވެސްޓްމަންޓްގެ އައު ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އޮގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާއިން ފާސްކުރި “ފޮރިން އިންވެސްޓްމަންޓްގެ ބިލު” ގާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މިއަދު
ތަސްދީގު ކުރެއްވުމުން މި ބިލު ގާނޫނަކަށްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއު ކުރެވިފައެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ގާނޫނާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރައްޔިތުން ރައީސް ޑރ. މުޢިއްޒާ ހަވާލުކުރެއްވި ޒިންމާ ފުރިހަމައަށް އަދާކުރައްވަމުންދާ ކަމަށާއި މިއަދު 12:01 ގައި މި ބިލު ތަސްދީގުކުރެއްވުން އެއީ އޭގެ ފުރިހަމަ ނަތީޖާއެއް ކަމަށެވެ.
ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެން މި ސަރުކާރު އައި ފަހުން އަޅުގަނޑު ސީދާ ބައިވެރިވެ މި ބިލާ ބެހޭ ގޮތުން ކުރެވުނު މަސައްކަތުގަ ވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ވެސް އިރުޝާދާއެކުގަ ގާތްގަނޑަކަށް 8 ގަޑިއިރާ ހަމައަށް އަޅުގަނޑުމެން އޮންނާނެ އެކިއެކި މިކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ކުރެވިފަ.
45 އަހަރު ވީ ފޮރިން އިންވެސްޓްމަންޓް ގާނޫނު އާކޮށްގެން އެކުލަވާލައިފައިވާ މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި، ޓެކްނޯލޮޖީއާއި، އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި، ރާއްޖޭގެ އިގުތިސާދު ތަރައްގީ ކުރުމަށްޓަކައި އަންނަނިވި ކަންކަމާގުޅޭ އުސޫލުތައް
ކަނޑައެޅުން ހިމެނެއެވެ.
- ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
- ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވެން ޝަރުތުތައް ކަނޑައެޅުން.
- ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުން.
- ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންގެ ޒިންމާއާއި އެފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުމާއި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
މީގެއިތުރުން ރާއްޖެއިން ބައިވެރިވާ އިންވެސްޓްމަންޓާއި ވިޔަފާރިއާގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް އަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

