ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިފްތިތާހުކޮށްދެއްވައިފިއެވެ.
ޓްރޭޑިއަން އިފްތިތާހުކޮށްދެއްވާފައިވަނީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ. މި ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.
މި ޕްލެޓްފޯމް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ރާއްޖެއަށް ލާމެހިފައިވާ ޕޭމަންޓް މޮޑެލްތައް ގެނައުމަށާއި އީވޮލެޓްސް އަދި އީ ކޮމާސްގެ ސްޕޭސްގައި މަސައްކަތް ކުރާ އެންމެ މަޝްހޫރު ފަރާތްތައް ވީ އެންމެ އަވަހަކަށް ރާއްޖެއަށް ގެނެސް، އެފަރާތްތަކުގެ ހަރަކާތްތެރިވުން ރާއްޖޭގައި ގާއިމް ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
އަދި މިކަން ފާހަގަކުރެއްވީ ސަބަބެއް ނެތި ނޫން ކަމަށާއި އެގޮތުން، މީގެ ކުރިން ރާއްޖެ އަކީ ކުޑަ ގައުމަކަށް ވެފައި، މާކެޓް ކުޑަކަމުން ޕޭޕަލް ދުވަހަކުވެސް ރާއްޖެއާ ވާހަކަ ދައްކާފައި ނުވާއިރު، ސަރުކާރުގެ މަސައްކަތުން މިއަދު އެ ހިދުމަތް ތައާރަފް ކުރަން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި ކޮންމެވެސް ސިފައެއްގައި އެކަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

