ފަލަސްޠީނުގެ ކުދިންނަށް ޙައްޤުވަނީ ދުނިޔޭގެ އޯގާތެރިކަން ކަމަށާއި، އެކުދިންގެ މުސްތަޤުބަލު އަނބުރާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިމު ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ފަލަސްޠީނުގެ ކުދިންނަށް ދުނިޔޭގެ އޯގާތެރިކަމާއި، އެކުދިންގެ މުސްތަޤުބަލު އަނބުރާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް ހައްޤުވާކަމަށެވެ. ޝިހާމް މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައެވެ.
ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ކުޑަކުދިންގެ ޙާލަތު ފާހަގަކުރައްވާ، ވެސްޓް ބޭންކާއި ޣައްޒާ ސްޓްރިޕާއި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުން ވޭތުވެދިޔަ 76 އަހަރު ތަޙައްމަލުކުރަމުން އައި ދަތި ހާލު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 25،000 ކުދިން ޔަތީމުވެ، 100،000 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަތްފައި އައިބުވެ، ގެއްލިފައިވާ 30،000 ކުދިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

