ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ލޯންޗްކޮށްފިއެވެ.
އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ޚިދުމަތްތައް، އެމްޕީއެލްއިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ގެ ނަމުގައެވެ.
މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯންކޮށްދެއްވީޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި ޔޫއެމްއެސްގެ ވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މައުލޫމާތާއި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އޭޖެންޓުންގެ މައުލޫމާތުތައް ލިބިގެންދާނެއެވެ.
ރާއްޖޭގެ އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތަށް ފެށުމަށް އެސްޓީއޯއިން ތައްޔާރުވެފައިވާއިރު، މި ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމްޕީއެލްއިން ފޯރުކޮށްދޭނެއެވެ. އޭގެތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚިދުމަތް ހިމެނެއެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލްއިން ވަނީ ރާވައިފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ޚިދުމަތްތައް އަލަށް ފަށާއިރު، ޚިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ ސަބަބެއް އުފައްދަންޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގައި މި ޚިދުމަތްތައް ބައިނަލްއަގުވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުޅަނދުތައް ޚިދުމަތް ހޯދަން އަންނާނީ ޚިދުމަތްތައް ފުރިހަމަވެގެން އަލަށް ފަށާއިރު ވެސް ޚިދުމަތްތައް ފުރިހަމަކޮށްދޭންޖެހޭ

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް
މީގެއިތުރުން ވަޖީހް ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން ގައުމަށް ފައިދާވާނެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތުން ރާއްޖޭގެ އިގުތިސާދަށް ކުރިއެރުންތަކެއް ހޯދައިދިނުން ކަމަށެވެ. އަދި މި ޚިދުމަތް ދިނުމުގައި އެސްޓީއޯއަށް އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށުމުގެ ފުރަތަމަ މަރުހަލާއަކީ މިކަމުގެ މައުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށާއި މިއަދު ލޯންޗްކުރި ވެބްސައިޓަކީ އެކަން ހާސިލުކުރުމުގައި އެމްޕީއެލްއިން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ދެން ނުހުއްޓި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

