10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ހުޅުމާލޭގައި ބެހެއްޓުމުގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
މި މަޝްރޫއު ފައްޓަވައިދެއްވާފައިވަނީ އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ޢަބްދުލް މަތީން މުޙައްމަދެވެ.
މި ތާނގީ އަކީ އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ރާވައި ބަހައްޓާ ތާނގީއެކެވެ. މި ތާނގީގެ މަސައްކަތް ނިންމުމަށް ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ކަމަށާއި މަޝްރޫއަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް އެމްޑަބްލިއުއެސްސީ އިން އަންދާޒާ ކުރެއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ އެވެ. އެގޮތުން މި މަޝްރޫއު ނިމުމުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީއިން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް އެމްޑަބްލިއުއެސްސީ އިން ގާއިމްކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނިން އަންނަނީ އެ ގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާ ކުރާ އިތުރު ދެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެންނަށް ވެސް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށް އެމްޑަބްލިއުއެސްސީ އިން ހާމަކުރެއެވެ.

