މިފަހުން ދިވެހި ސިނަމާއަށް ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމް ” ކަމަނާ ” ގެ ހުރިހާ ޝޯއެއްގެ ޓިކެޓް ހުސްވެއްޖެއެވެ.
ހުސެއިން މުނައްވަރު ޑައިރެކްޓްކޮށް ސެޓާން ސްޓޫޑިއޯން ޕްރޮޑިއުސް ކުރި ދިވެހި ފިލްމް ކަމަނާ އަކީ ހަގީގީ ހާދިސާއެއްގެ މަށްޗަށް ތައްޔާރު ކޮށްފައިވާ މުޖުތަމައުއަށް ހާއްސަ މެސެޖުތަކެއް ދޭ ފިލްމެކެވެ.
ސެޓަރން ސްޓޫޑިއޯގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 27 އޯގަސްޓް އިން 14 ސެޕްޓެމްބަރަށް ފިލްމް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ. އަދި އިތުރު ޝޯތަކެއް ދެއްކުމަށް ސިނަމާ ލިބޭތޯ ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 27 ޝޯ ވަނީ އަޅުވާފައެވެ.
” އަޅުގަނޑުމެންނަށް ސިނަމާ ލިބުނީ 27 އޮގަސްޓް 2024 އިން 14 ސެޕްޓެމްބަރަށް. މިހުރިހާ ދުވަހަކަށް މިހާރު ފުލް. ޑިމާންޑް އޮތްވަރަށް ބަލާފަ ދަންވަރު ޝޯތައް ދައްކަން ނިންމީވެސް ގިނަ މީހުންނަށް ފުރުސަތު ދޭންވެގެން” ޕްރޮޑިއުސަރ
ކަމަނާ ސްކްރީނަށް އައުމުގެ ކުރިންވެސް ބެލެވިފައިއޮތީ ރެކޯޑް ހަދާނެ ފިލްމެއްގެ ގޮތުގައެވެ. ފިލްމް ރިލީޒް ކުރިފަހުން ފިލްމް ބެލުމަށް ގިނަބަޔަކު އެދޭކަމަށް ސެޓާން ސްޓޫޑިއޯއިން މައުލޫމާތުދެއެވެ. މަޝްހޫރި ފިލްމީ ތަރި އައްޒަގެ މޮޅު އެކްޓިން ދައްކުވައިދިން މި ފިލްމަކީ މިފަހުގެ ތާރީހުގައި ދިވެހި ފިލްމަކަށް އެންމެ ތަރުހީބު ލިބުނު ދިވެހި ފިލްމެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި މިހާރުވެސް ސްކްރީން ކުރަމުންދާ ކަމަނާ މިހާރު ވަނީ ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސްކްރީން ކޮށްފައެވެ.
ހިތް ރޮއި ރޮއި އޮތަސް ފިރިންދެކެ ލޯބިވާ ކިޔަމަންތެރި އަނބިން، އަމިއްލަ އުފާތަށް ކަފުންކޮށް ހެޔޮލަފާ ފިރިންނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވެދާނެކަން ނަތާ ދައްކުވައިދިނީ އެފަދަ އަންބެތްގެ ވަރަށް ފުރިހަމަ މިސާލެއް- ބެލުންތެރިއެއް
ލޯބިން އުޅޭ ދެމަފިރިންގެ ދިރިއުޅުމަށް ވެރިވެގަންނަ އެތައް ބަޔަކު މި މުޖުތަމައުގައި އުޅޭ ހިޔާލެއް ފިކުރެއް ނެތް އުޅުން މި ފިލްމުގައި އާޝާ ދައްކުވައިދިނީ އެފަދަ މީހުންނަކީ ވަގުތީ އުފަލުން ނާޖާއިޒް ފައިދާ ލިބިގަތަސް އާޙިރުގައި ކިހާ ބަދުނަސީބު ބައެއްކަމެވެ.
އިންސާނިއްޔަތު ކަމުގެ ސިފަ ކިރިޔާވެސް ހުރި މީހަކަށް މި ފިލްމު ބަލަން ހަމަޖެހިލައިގެން އިންނަން ކެތް ނުވާ ވަރުގެ ފުރިހަމަ އެކްޓިންއެއް އައްޒަ ދައްކުވައިދީފައިވޭ- މޮޑެކްސް
ޔަގީނުންވެސް އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް މި ފިލްމުގެ ކޮންމެސް އެއްމަންޒަރުން ބުނެދޭ ވާހަކަޔާ އަމިއްލަ ދިރިއުޅުމުގަ ކުރިމަތިލާފަ ވާނެއެވެ. ކޮންމެ މަންޒަކީ ވެސް އިބުރަތެއް ލިބިގަންނަން ދީފައިވާ މެސެޖެކެވެ. ދިރިއުޅެންވީ ގޮތާއި ދިރިއުޅުން އިސާހިތަކު ފުނޑު ފުނޑުވެގެން ހިނގައިދާނެ ގޮތްތައް ވަރަށް ފުރިހަމައަށް އަންގާދިފައިވާ މި ފިލްމު ބަލަމުންދާ އިރު ފުންކޮށް ވިސްނާލި ކޮންމެ މީހަކަށް އުނގެނި ދަސްވަމުންދާނީ ފިލާވަޅަކަށް ފަހު ފިލާވަޅެއް، މި ފިލްމަކީ، ފިލްމު ބަލަމުންދާ އިރު އޯގާތެރިވުމުގެ މުހިއްމު ކަމާއި، އަނިޔާވެރި ވުމުގެ ނުބައިކަމާއި، މަކަރާ ހީލަތުން ލިބިގަންނަ ވަގުތީ އުފަލުގެ ހިތްދަތިކަން އިހުސާސްކުރުވާ، އެއްމެ ރަނގަޅު މަގު ހިޔާރު ކުރުމަށް ސިކުނޑި ހޭލައްވާލާ ފަދަ މެސެޖުތައް ފޯރުކޮށްދޭ އިސްލާހުގެ މަގުގެ ދޮރުހުޅުވާލަދޭ ރަން ދަޅުދަނޑިއެކެވެ.

