ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަކީ މަރާލަންޖެހޭ ބައެއް ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ޗެނެލް 13 އިން ގެނެސްދިން ޙަބަރަކަށް ކޮމެންޓް ކުރި ފަރާތަކުން ބުނީ ހުރިހާ ނޫސްވެރިންވީ މަރާލަން ކަމަށެވެ. އެ ޙަބަރަށް ކޮމެންްޓް ކޮށްފައިވަނީ ފާތުމަތު މަދީހާ ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. އެ ކޮމެންޓްގައި ބުނެފައިވަނީ އެ ޙަބަރު ލިޔެފަ އިން ފަރާތަކީ މޮޔައެއް ކަމަށާއި، އެފަދަ ނޫސްވެރިން ރާއްޖޭގައި އުޅޭތީ ދެރަވާ ކަމަށެވެ. އަދި "މިމީހުން ވީ މަރާލަން" ނޫސްވެރިންނަށް އަމާޒުކޮށް ބުނެފައެވެ.
ޗެނެލް 13 އިން ގެނެސްދިން އެ ޙަބަރަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފާޑު ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަފުޅަކަށް އަމާޒު ކޮށް ލިޔެފައިވާ ޙަބަރެކެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށާއި، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގް ކުރަމުން ކަމަށެވެ.
ނޫސްވެރިން މަރާލާނެ ކަމަށް މީހަކު ބުނެ ކޮމެންޓް ކޮށްފައިވާއިރު، ޓިކްޓޮކް ލައިވްތަކުގައި ދެ މީހަކު، ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކަށް މިދިޔަ މަގު 29 ފުރައްސާރަކޮށް އޭނާގެ އަބަރު ކަތިލަމުންދާ މައްސަލައެއްވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ އެ މައްސަލަވެސް ވަނީ ބަލަން ފަށާފައެވެ.
ނޫސްވެރިންނަށް މިފަދަ އިންޒާރުތައް މީގެ ކުރިންވެސް ވަނީ އެކިގޮތްގޮތަށް ދީފައެވެ. އަދި އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުވެސް ވަނީ ކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން މިއީ މިނިވަން ނޫސްވެރިކަމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމުގައި ބެލެވެއެވެ.

