މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން، މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ގައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން ވެސް އޮތެވެ.
ރަސްމިއްޔާތު ނިންމައިލީ ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

