ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވީ ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން!
ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ އެއްވަނަ ދުވަހެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ.
ގައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެގޮތުން ގައުމީ ދުވަސް ފުރަތަމަ ފާހަގަކުރީ 1 ރަބީޢުލްއައްވަލް 1365 ގައެވެ.

