ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފިއެވެ.
ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮތީ މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައެވެ. މި އައްޑަނައާ ހަވާލުވެވަޑައިގެންނެވީ ޙުސައިން ޞަލާޙުއްދީންގެ ކާފަ ދަރިކަލުން ޙުސައިން ޝިހާބެވެ.
ޙުސައިން ޞަލާޙުއްދީނަށް މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ޞަލާޙުއްދީން ކުރައްވައިފައިވާ ގައުމީ ޚިދުމަތަށްޓަކައެވެ.

