ދިވެހި ގައުމާ ދިމާއަށް އެނބުރި ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިއަދަކީ ގައުމާމެދު ވިސްނުމުގެ ދުވަސް ކަމަށާއި ގައުމު ބިނާކުރުމަށް އާ ހިތްވަރެއް ނެރެ، އާ ރޫހެއް ގެނައުމުގެ ދުވަސް ކަމަށެވެ.
މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސް ކުރަނީ ދިވެހި ގައުމާ ދިމާއަށް އެނބުރި ބެލުމަށް. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ގައުމުގެ މަސްލަހަތަށްޓަކައި އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގެވުމަށް
އެގޮތުން ރައީސް ވަނީ މާ ކަނޑުގެ މެދުގައި މި ދިވެހިރާއްޖެ ދިފާއުކޮށްގެން ދިވެހިންނަށް މިހާ ދުވަހު ތިބެވުނީ ކޮންކޮން ސަބަބުތަކެއް އެކަމުގައި ހުރެގެންތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހަމަ އެއްވެސް ބާރަކުން މި ފަސްގަނޑަށް ނުފޫޒު ފޯރުވާއިރަށް އެބައެއްގެ ވަރަ ބިންދާލުމުގެ ތޫނުކަމާއި ހިތްވަރު ކާބަފައިން ލިބިގަތީ ކިހިނެއްތޯ ސުވާލުކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދުރު އެކި ޒަމާންތަކަށް ބަލާއިރު ތާރީޚު އަބަދުވެސް ދައްކަދީފައި އޮތީ ދިވެހިރާއްޖެއަށް ފާރަލާ ބޭރު ލޯތަކެއްވާކަން
ދިވެހިންނަށް ގޯނާކުރާ ބޭރުގެ އަތްތަކެއް ވާކަން، އެކަން ބޮޑުރަސްގެފާނު މާލެ ވަށާ ރޭނުއްވި ދިފާއީ ބޮޑު ފާރުން ސާބިތުވޭ
އެފަދަ ތަރިކަތަކުން ދޭހަކޮށްދެނީ ކާބަފައިންނަކީ މި ގައުމުގެ ދިފާއުގައި ހުރިހާ މާނައެއްގައި ހުރިހާ ޒަމާނެއްގައި މަސައްކަތް ކުރެއްވި ބައެއްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

