ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި އެގޮތުން ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކާ ޒަކާތު ހައުސް އުފެއްދީ އެހެންވެގެން ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކާބަފައިން ފަދައިން ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން ކަމަށާއި ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުންފުޅުވާ ކަމަށާއި އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން ކޮންމެ ދިވެއްސަކަށް އިހުސާސްވާން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިސްކިތްތަކަށް އިހުގައި ކުރި އިހުތިރާމު އަލުން ގެންނަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގައުމެއްގައި ނަމަ އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަޚުލާގަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އިސްލާމްދީން ބުނަނީ އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ކަމަށެވެ. އަދި ބުނާނެ ހެޔޮ ބަހެއް ދުލަށް ނާތުވެއްޖެއްޔާ ހަނުހުރުމަށް ކަމަށެވެ.
ކަމެއް ވީމާ ނޫންތޯ ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އެ އޮތީ؟ ކަމެއް ވީމާ ނޫންތޯ ދިވެހީންގެ ގަހަކުން ވެއްޓޭ މޭވާއެއް ވެސް އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް ބޭރުގެ ބައެއް ނިޔަމިން އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީނަށް އަންގާފައި އެ އޮތީ. އަޅުގަނޑުމެން އިއާދަކުރަން ބޭނުންވަނީ އެ ދިވެހީންގެ އެ ހުރި މާތް ސިފަތައް. އެ އަޚްލާގު
ރައީސް ވިދާޅުވީ މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ހަޔާތުން އެ މީހުންގެ މާތްކަން ދައްކާ ކަމުގައިވާނަމަ ކަމަށެވެ. އަދި ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކޮށް، ފުރިހަމަ މުސްލިމެއްގެ ގޮތުގާ ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަންކުރަމުން ގެންދާ ކަމުގައިވާނަމަ ކަމަށެވެ.

