މިއަހަރުގެ ގައުމީ ދުވަހަކީ ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއް ކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމެއްގެ ގައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސް ކަމަށާއި މާދަރީ ބަހަކީ އަމިއްލަ ގައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާ ކަމަށެވެ. އަދި ހަމައެހެންމެ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި ގައުމެއް ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ މިސާލެއް ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 1965 ވަނަ އަހަރު އދ. އިން ރާއްޖެ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރިއިރު، ވެވިފައި ހުރި ބަހުސުތަކުގެ ކަރުދާސްތައް އަދި ވެސް ފެންނަން ހުރިކަން ފާހަގަކުރައްވައިފައެވެ.
ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚުރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން
އެހެންކަމުން މިއަހަރުގެ ގައުމީ ދުވަހަކީ ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއް ކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި ދިވެހި ބަހުން މުއާމަލާތުކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ ކަމަށެވެ. އަމިއްލަވަންތަކަން ދިފާއު ނުކުރެވޭނަމަ، މިނިވަންކަން ދިފާއެއް ވެސް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ގައުމެއް ދިފާއު ކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއު ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

