މީގެ 465 ވަރަކަށް އަހަރު ކުރިއަށް ނަޒަރު ހިންގައިލާއިރު، މި ދިވެހި ފަސްގަނޑުގައި އޮތީ އަޅުވެތިކަމާއި އަނިޔާވެރިކަމެވެ. އެ ދުވަސްވަރު އޭޝިޔާ ކަނޑުގެ އެންމެ ބާރުގަދަ ލަޝްކަރު ކަމުގައިވާ ފުށެތިކާލުން ނުވަތަ ޕޯޗްގީޒުން ވަނީ ރާއްޖޭގައި ވަކިހިއްޕާލައިފައެވެ. އެކަމުގެ ހިތި ރަހަތަކުން މިންޖުވުމަށް އެދިއެދި އޮތް ގައުމުގެ މޭގަނޑު އޮތީ ބިރުން ވިރެމުންދާ ހާލުގައެވެ.
އެ ނާމާންކަމާއި، ބިރުވެރިކަމުގައި 15 އަހަރުވެގެން ގޮސް ރަބީޢުލްއައްވަލް މަހެއްގެ ހުޅެވި ހަނދު މި ދިވެހި އުދަރެހުން ފާއްދައިލި ހޯމަވިލޭރޭގެ މެންދަމުގެ ހަމަހިމޭން ވަގުތަކީ ގެއްލިފައިވާ މިނިވަންކަން އަލުން ދިވެހިންނަށް ލިބިދިން ރެއެވެ.
ހުރިހާ ޝުކުރެއް ހައްގުވަނީ ދިވެހިން އެފަދަ ބިރުވެރިކަމެއްގެ ތެރޭގައި ތިއްބައި، ޕޯޗުގީޒުންގެ އަތްދަށުން މި ގައުމު ސަލާމަތްކުރައްވާން ނިކުމެވަޑައިގެންނެވި އަޅުގަނޑުމެންގެ ޣާޒީ ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށެވެ. މި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ޢަލި ތަކުރުފާނާއި، ޙަސަން ތަކުރުފާނާއި ތ.ތިމަރަފުށީ ޢަލީ ޙާޖީއާއި ޙަސަން ޙާޖީއާއި ދުވާފަރު ދަންޑަހެލަށެވެ.
އާދެ! މުޙައްމަދު ތަކުރުފާނު ފުރަމެންދަމެއްގައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވައި، އެބައިމީހުންގެ ވެރިޔަކަށް ހުންނެވި އަނދިރި އަނދިރިންގެ ކަރަށް ބަޑި ޖައްސަވައި އޭނާގެ ވަސް ފޮހެލެއްވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 1 ވަނަ ދުވަހުގައެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ފާހަގަކުރަނީ ގައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ އެ ބަތަލުންގެ ޒިކުރާ އައުކޮށް، އެބޭކަލުން ދެއްކެވި ރިވެތި މަގުން ހިނގުމަށް މިއަދުގެ ދަރީން އަޒުމު ކަނޑަައަޅަންވީ ދުވަހެވެ. އެބޭކަލުންގެ ހަޔާތްޕުޅުން އަގުހުރި ދަރުސްތައް ލިބިގަންނަންވީ ދުވަހެވެ.
ކަންމިހެން ހުރިއިރު، މުޙައްމަދު ތަކުރުފާނުގެ ހަޔާތްޕުޅުން އަޅުގަނޑުމެން މިއަދު ލިބިގަންނަންވީ ފިލާވަޅުތަކުގެ މައްޗަށް ކަޅިއެއް ހިންގައިލަން އެބަ ޖެހެއެވެ.
ތާރީޚުން އަޅުގަނޑުމެންނަށް އެނގޭ ފަދައިން އެމަނިކުފާނުގެ ހަޔާތްޕުޅުން ފެނިގެންދަނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރެއްވި މަންޒަރެވެ. ގައުމެއް ގައުމަކަށް ވަނީ އެބައެއްގެ ގައުމިއްޔަތެއް އޮވެގެން ކަމުގައިވާއިރު، ގައުމިއްޔަތު މަތިވެރި ކުރަން ކުރެއްވި މަސައްކަތްޕުޅުތަކެވެ. ރާއްޖޭގައި ޝިރުކު ފަތުރަން ޕޯޗްގީޒުން މަސައްކަތް ކުރަމުންދިޔައިރު ވެސް، ނުގުޑާފަދަ ސާބިތުކަމާއި ވަރުގަދަ އަޒުމާއެކު ދީނީ އަގީދާ ވަރުގަދަ ކުރައްވައިގެން ހުންނެވި ހުންނެވުމެވެ. އާދެ! އެ ތަކުރުފާނުގެ ހިތްޕުޅުގައި ދިވެހި ގައުމަށް އޮތް ލޯތްބެވެ. ހުއްބުލްވަޠަންގެ މަތިވެރި މިސާލުމެއެވެ.
މިހާ ހިސާބުން އަޅުގަނޑު ބަލައިލާނީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ބޮޑު ތަކުރުފާނު ކުރެއްވި ޖިހާދުގެ މައްޗަށް އަލިއަޅުވައިލައްވައި މިއަދު އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންވީ ގޮތް ވިދާޅުވެދެއްވައިފައެވެ.
އާދެ، މިއަދަކީ ގައުމީ ދުވަސް. ގައުމާ މެދު ވިސްނުމުގެ ދުވަސް. ގައުމު ބިނާކުރުމަށް އާ ހިތްވަރެއް ނެރުމުގެ ދުވަސް. އާ ރޫހެއް ގެނައުމުގެ ދުވަސް. ދިވެހި ތާރީޚު ވަނީ މިއަދުގެ ހާދިސާ ފަދަ އެތައް ފިލާވަޅަކުން މުއްސަނދިވެފައި. އެތައް ތަޖުރިބާއަކުން ފުދުންތެރިވެފައި. އެހެންކަމުން، މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސް ކުރަނީ، ދިވެހި ގައުމާ ދިމާޔަށް އެނބުރި ބެލުމަށް.
ރައީސް ވިދާޅުވީ ރާއްޖޭގެ މި ފަޚުރުވެރި ގައުމީ ދުވަހު އަޅުގަނޑުމެން ދިވެހި ރައްޔިތުން ބައެއް ސުވާލުތައް އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން މާ ކަނޑެއްގެ މެދުގައި މި ރާއްޖެ ދިފާއުކޮށްގެން ދިވެހީންނަށް މިހާ ދުވަހު ތިބެވުނީ، ކޮންކޮން ސަބަބުތަކެއް އެކަމުގައި ހުރެގެންތޯއާއި، ހަމަ އެއްވެސް ބާރަކުން މި ފަސްގަނޑަށް ނުފޫޒު ފޯރުވާއިރަށް، އެ ބައެއްގެ ވަރަ ބިންދާލުމުގެ ތޫނުކަމާއި، އެ ހިތްވަރު މި ތިރި ރަށްތަކުގައި ދިރިއުޅުނު ކާބަފައިން ލިބިގަތީ ކިހިނެއްތޯ މިއަދު ސުވާލު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ދުރު އެކި ޒަމާންތަކަށް ބަލާއިރު، ތާރީޚު އަބަދުވެސް ދައްކައިދީފައި އޮތީ ދިވެހިރާއްޖެއަށް ފާރަލާ ބޭރުގެ ލޯތަކެއްވާކަން ކަމަށާއި ދިވެހީންނަށް ގޯނާކުރާ ބޭރުގެ އަތްތަކެއްވާކަން ކަމަށެވެ.
އެކަން، ބޮޑު ރަސްގެފާނު، މާލެ ވަށައި ރޭނުއްވި ދިފާއީ ބޮޑުފާރުން ސާބިތުވޭ. އެކަން، މާލޭގެ އެކި ހިސާބުތަކުގައި ބިނާކުރެއްވި ބަޑިބުރުޒުތަކުން ކަށަވަރުވޭ. މިއަދު ވެސް ރާއްޖޭގެ ދާރުލްއާސާރު ކުރިމަތީގައި އެހެރަ ބޮޑުބަޑިތަކުގެ ތެރޭގައި، ބޮޑުރަސްގެފާނު އެތެރެކުރެއްވި ބައެއް ބޮޑެތި ބަޑިތަކާއި، އިސްކަންދަރު ރަސްގެފާނުގެ ސިއްކަފުޅު ޖަހާފައި ހުރި ބޮޑުބަޑި ވެސްއެ އޮތީ. އަދި ކީއްތޯ؟ ރާއްޖެ ހިފި ޕޯޗުގީޒުންގެ ބަޑިތައް ވެސް އެހެރީ ފެންނަން.
ރައީސް ވިދާޅުވީ އެ ތަރިކަތައް ހެކިދެނީ، ކާބަފައިންނަކީ، މި ގައުމުގެ ދިފާއުގައި ހުރިހައި މާނައެއްގައި، ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަން ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ރާއްޖެއެއްކަން ކަމަށެވެ.
މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ ޕޯޗްގީޒުން ރާއްޖެ ހިފި ދުވަސްވަރު އޮތް ނާމާންކަމާއި އަނދިރިކަން ފޫއަޅުވާލައި، ދިވެހި މެދުއުޑުން ފިޔަޖަހައިލި ބޮޑުތިލަދުންމަތީ އުތީމުގެ ތިން ތަރިއަކީ، ދިވެހި ގައުމު ދެމިއޮތްހައި ހިނދަކު، ޝުކުރާއި ތާރީފު އޮހޭނޭ ފަޚުރުވެރި ދިވެހި ދަރިންތަކެއް ކަމަށެވެ.
މި ސަބަބަށްޓަކައި މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށާއި، މުޅި ދިވެހި ގައުމަށް ދަންނަވާލަން ބޭނުންވަނީ.
ފަޚުރުވެރި ދިވެހީންގެ ގައުމީ ރޫހު އާލާކޮށްލަމާހޭ؟
ފަޚުރުވެރި ތާރީޚު ދައްކާ ހެކިތަކަށް އަދު ވިސްނަމާހޭ؟

