ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ގައުމީ ތަގުރީރަކީ ތާރީޚީ ތަގުރީރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަގުރީރާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައީސްގެ ތަގުރީރުގައި އިސްލާމްދީނާއި ރިވެތި އަޚުލާގާއި ގައުމީ ބަހާތަށް ދިރުވަން ގޮވާލެއްވި ކަމަށެވެ.
މިކަންކަމަށް ރާއްޖެ ނުހަނު ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި ރައީސްގެ ފަރާތްޕުޅުން ރައްޔިތުންނަށް ދެއްވި ހިއްވަރަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ ރައީސް ޑރ. މުޢިއްޒުގެ ތަގުރީރަށް ތައުރީފު ކުރައްވައިފައެވެ.
ރައީސްގެ ތަގުރީރުގެ މައްޗަށް ބަލައިލާއިރު، އެމަނިކުފާނު ވަނީ ގައުމެއް ސަލާމަތްވެ އޮންނަނީ، އެ ބައެއްގެ ބިން ސަލާމަތުން ބޭއްވުނީމާ ކަމަށާއި ބިން ސަލާމަތުން އޮންނަނީ ދައުލަތް ސަލާމަތުން ބާއްވައިގެން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ގައުމިއްޔަތުގައި އެންމެ އިސްކަމެއް ދެނީ، މި ރުކުންތައް ހިމާޔަތްކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ ކަމަށާއި އަމިއްލަވަންތަކަން ދިފާއު ނުކުރެވޭނަމަ، މިނިވަންކަން ވެސް ދިފާއެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، ގައުމެއް ދިފާއުކުރުމުގައި، އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭ
ގައުމެއްގެ ގައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށާއި މާދަރީ ބަހަކީ އަމިއްލަ ގައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބަހުން މުއާމަލާތްކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވަމާތޯ؟
ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

