އދގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ “ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން” (ބީބީއެންޖޭ) ގައި ރާއްޖޭން ސޮއިކޮށްފިއެވެ.
މިދިޔަ އަހަރުން ޖޫން މަހު އދ އިން އެކުލަވާލި މި މުއާހަދާގައި ސޮއި ކުރުމާއިއެކު، ރާއްޖެ މިވެގެން ދިޔައީ މި މުއާހަދާގައި ސޮއި ކުރި 92 ވަނަ ގައުމަށެވެ.
ކަނޑު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް ދިވެހިން ބަރޯސާވާކަން ފާހަގަކުރައްވާ، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީބީއެންޖޭ މުޢާހަދާއިން މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ލިބިގެންދާނެކަމަށެވެ.
ވަޒީރު ޒަމީރު ވިދާޅުވީ، މިއީ ކަނޑު ހިމާޔަތްކުރުމަށް ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށްވާ ވައުދުގެ ރަމްޒެއް ކަމަށާއި، މިކަމުގައި ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު އަދާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
ހަމައެހެންމެ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އެންމެ އަގުހުރި ވަސީލަތްތައް ކަމުގައިވާ ކަނޑާއި އޭގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުންގެ މަޖިލީހުން، ރާއްޖެއިން ބީބީއެންޖީގައި ބައިވެރިވުމަށް ލަފާދެއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.
މިއީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކަށް ވާއިރު މިއީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެއް ކަންވެސް ފާހަގަކުރަމެވެ.

