ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތައް ސަލާމަތްކޮށް، ދިވެހިންގެ ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ އައިޑެންޓިޓީ އާލާކުރުމުގެ ވާހަކަ ދައްކާއިރު ސަމާލުކަމަށް ގެންނާންޖެހޭ މުހިންމު ހަގީގަތެއް އެބައޮތް ކަމަށާއި އެއީ ގައުމުގެ އެއް މާނައަކީ މީހުންކަން ކަމަށާއި ގައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ މީހުން ސަލާމަތްކުރުންކަން ކަމަށެވެ. އަދި ގައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގޭ ދީނާ ޚިލާފު، ގައުމާ ދެކޮޅު، މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު އެތައް ކަމެއް ހުންނަކަން ކަމަށާއި އެކަންކަމުން ބޮޑެތި ފިކުރީ ކާރިސާތައް އައިސް، ގައުމުތައް އެފުށް މިފުށަށް ޖެހެމުން ދާކަން ކަމަށެވެ.
މީގެއިތުރުން ފަހަކަށް އައިސް، އެންމެ ބޮޑު ފުރޮޅުންތަކެއް މިގޮތުން އައީ ގްލޯބަލައިޒޭޝަން ނުވަތަ ބަވަނަކުރުމުގެ ތޫފާނުގެ ތެރެއިންކަން ކަމަށާއި ހަގީގަތުގައި މިކަންކަމުގެ އެންމެ ފުނުގައި ހުންނަނީ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރުވެރިވާން އެކަށައަޅައިފައި ހުންނަ އެޖެންޑާތައް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެކަންކަން އަޅުގަނޑުމެންގެ މައްޗަށް ތަންފީޒު ވަމުންދާއިރު، އެއިން ކުރާ ނޭދެވޭ އަސަރުތަކާއި، ކުރަމުންދާ ނުރައްކާތަކާއި، ލޮލަށް ނުފެންނަ އޮއިވަރުތައްވޭ. އެހެންކަމުން، މިފަދަ އޮއިވަރުތަކުގައި ޅަޖީލުތައް ބެހިގެންދާއިރު، އެހެން އެކަން ވާކަން އިހުސާސް ކުރެވެނީ ވަރަށް މަދު ބަޔަކަށް.
ރައީސް ވިދާޅުވީ މިފަދަ އޮއިވަރުތަކުގައި ގައުމުގެ ދީނަށް ހަމަލާދެވޭ ކަމަށާއި ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލެވޭ ކަމަށެވެ.
އަދި އެކަމަށްޓަކައި އެ ތަނެއްގެ ގަދަރުވެރީންނާއި، ދީނުގެ އިލްމުވެރީންގެ އަގުވައްޓައިލެވޭ ކަމަށާއި ދީން ދިފާއު ކުރުމުގެ އެންމެ ބޮޑު ގާނޫނީ ބާރެއް އޮންނަނީ ގައުމުގެ ވެރީންގެ ކިބައިގައި ކަމަށްވާތީ، ވެރީންގެ އަގުވައްޓައިލައި މުއައްސަސާތައް ގުރުބާންކޮށްލެވޭ ކަމަށެވެ.
ސޯޝަލް މީޑިޔާއާއި، އެނޫންވެސް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް އުފެއްދޭ ތަފާތު އުފެއްދުންތަކުން ގައުމުގެ މުޅި ޖަމާއީ ސިކުނޑި ވިހަކޮށްލެވޭ. ކުޑަކުދީންނާއި، ޒުވާނުންނާއި، ހަރުމީހުންނަށް ދާންދެން ދީނާ ޚިލާފު، ގައުމަށް ގެއްލުންހުރި އެތައް ވިސްނުންތަކަކާއި އަމަލުތަކެއްގެ ކަނޑަށް ޣަރަގުކޮށްލެވޭ.
އެހެންކަމުން ރަށްގިރުމާއި އުދައެރުމުން ރާއްޖޭގެ ރަށްތައް ސަލާމަތްކުރަން މަސައްކަތްކުރާ ފަދައިން، ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތައް ސަލާމަތްކުރުމަށާއި ވިސްނުންތައް ސަލާމަތްކުރަން، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

