މިފްކޯއިން ކްރެޑިޓަށް އައިސް ދޫކުރަން ފެށުމާއެކު، މަސްކިރުވާ ދޯނިތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް މިފްކޯއިން ބުނެފިއެވެ.
އިއްޔެ އެކަނިވެސް 44 ދޯންޏަކުން 144 ޓަނަށްވުރެ ގިނަ މަސް ކިރުވިކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން ހާމަކުރި ގޮތުގައި އެކުންފުނިން ފަހުން ފައިސާ ދޭގޮތަށް، ކްރެޑިޓަށް އައިސް ދޫކުރަން ފެެށުމާއެކުހެން މަސްކިރުވާ ދޯނިތަކުގެ އަދަދު ދަނީ އިތުރުވަމުން ކަމުގައެވެ. އެގޮތުން ފާއިތުވި ދުވަސްތަކަށް ބަލާއިރު، މިހިނގާ ސެޕްޓެމްބަރުގެ ދެވަނަ ދުވަހު 43 ދޯންޏަކުން 121.8 ޓަނުގެ މަސް ކިރުވި ކަމަށެވެ. އަދި އިއްޔެވެސް 44 ދޯންޏަކުން 135.6 ޓަމުގެ މަސް ކިރުވި ކަމަށްވެއެވެ.
ގައުމީ ދުވަހާއި ގުޅިގެން މިފްކޯގެ ފަރާތުން މަސްވެރިންނަށް ތަހުނިޔާ ދަންނަވަމުން އެކުންފުނީގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑު) ވަނީ ދުވަހުގެ ހާއްސަ މެސެޖޭއް މަސްވެރިންނަށް ދެއްވާފައެވެ. އެގޮތުން ގައުމީ ދުވަހާ ގުޅިގެން ސަރުކާރު ބަންދުކުރި ނަމަވެސް، މިފްކޯ މަސްވެރިންނަށްޓަކައި ހުޅުވާފައި ބޭއްވިކަން ފާހަގަކުރައްވައި މަސްވެރިންނަށް ބޭނުންވާ ވަރަކަށް މަސް ކިރުމުގެ ފުރުސަތު ދީފައިވާކަމަށްވެސް ކޭޑު ވަނީ ވިދާޅުވެފައެވެ.
“ގައުމީ ދުވަހާއި ގުޅިގެން މިއަދުވެސް މަސްވެރިން ކިރާ ހުރިހާ މަހެއް ގަތުމުގެ އަޒުމުގައޭ މިތިބީ، ސައިޓެއް ބަންދެއް ނުކުރާނަމޭ. މަސްވެރިންނަށް މިއަދާއި މާދަމާވެސް އޮންނާނޭ އެ ފުރުސަތު ބޭނުން ވަރަކަށް މަސްކިރަން.”، ކޭޑު ވިދާޅުވިއެވެ..
އޮގަސްޓު 31 އިން ފެށިގެން މިފްކޯޯއިން ދަނީ ދޯނިތަކަށް ކްރެޑިޓަށް އައިސް ދޫކުރަމުންދެއެވެ. ކޮންމެ ދޯންޏަކަށް ދިހަ ޓަނު އައިސް ދޫކުރެވޭއިރު މިފްކޯއިން ބުނެފައިވާ ގޮތުގައި ކްރެޑިޓަށް އައިސް ގަތް ފައިސާ، އުނިކުރެވޭނީ މަސްކިރާ ބިލުންނެވެ.

