ސިނަމާލެ ބުރިޖަށް އަރަން ދާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މާލެއާއި ހުޅުމާލެ އާއި ގުޅުވައިދޭ ބުރިޖުގެ ހައިވޭގައި ދެ ސައިކަލް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހައިވޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާލިބުނު ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަނެކަކު ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށާއި އޭގެ ތެރެއިން އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައިކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އެ ދެމީހުންނަށް ވެފައިވަނީ ކޮން އަނިޔާތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓު ހިނގީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

