މާލެ ސިޓީގައި އިމާމުވެ ހުކުރު ކުރާ މީހުންގެ ދަފްތަރު އެކުލަވާލުމަށް އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެފިއެވެ.
މާލެ ސިޓީގައި ހުކުރު ނަމާދުކުރާ އިމާމުންގެ ދަފްތަރު އެކުލަވާލުމުގެ ގޮތުން އިމާމުންގެ ފެންވަރު ވަޒަންކުރުމަށް އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދަފްތަރު އެކުލަވާލާއިރު މާލޭގައި ހުކުރުކުރުމުގެ ފުރުސަތު ދޭނީ އިންޓަވިއުއަށްފަހު ހުކުރުކުރެވޭނެކަމަށް އެ މިނިސްތްރީން ކަނޑައަޅާ އިމާމުންނަށްކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އެގޮތުން މި ހިނގާ 15 ވަނަ ދުވަހުގެ ކުރިން އެ އިންޓަވިއުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ އިމާމުންނަށް ފުރުސަތު ހުޅުވާލައިފައެވެ. މި އިންޓަވިއުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ގޫގުލް ފޯމު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭން ހުންނާނެއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން މާލޭ ސިޓީގެ މިސްކިތްތަކުގައި ހުކުރު ޚުޠުބާ ކިޔާ ފަރާތްތަކުގެ ދަފްތަރު މުރާޖާކޮށް އަލުން އެކުލަވާލަން ނިންމާފައި މިވަނީ ޚުޠުބާ އިއްވުމުގައި ބައެއް އިމާމުން ކުށްކިޔާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ދަނީ ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން ތަމްރީންކުރުމުގެ ގޮތުން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގުރާމްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.

