ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޣައްސާން މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޣައްސާން ވިދާޅުވީ ގައުމީ ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހިންގެ ހިތްވަރާއި ފަންވަރާއި އަސްކަރީ ގޮތުން މީސްކޮޅު މަދަސް ކުޅަދާނަ ބައެއްކަން ގާއިމުކުރެވުނު ދުވަސް ކަމަށެވެ.
ޕޯޗުގީޒުންގެ އިސްތިއުމާރުން އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމު އައްސުލްޠާނުލް ޣާޒީ މުޙައްމަދުތަކުރުފާނުލް އަޢުޒަމް ސަލާމަތްކޮށްދެވި ދުވަސް.
ޣައްސާން ވިދާޅުވީ މިއަދު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ މި ފަޚުރު ދިވެހިރާއްޖެއަށް އަލުން ގެނެސްދެއްވުމަށް ކަމަށާއި ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް ކަމަށެވެ.
މީގެއިތުރުން ދިވެހިންނަކީ ވިދާލާ ބައެއް ކަމުގައި މުޅި ދުނިޔެއަށް ދައްކުވައި ދެއްވުމަށާއި ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަން ގެނެސްދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

