ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.
އެގޮތުން އަންނަ ހަފުތާގެ ބުދަ ދުވަހު އުލިގަމުގައި ”އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް” ގެ ނަމުގައި ޚާއްސަ އިމާރާތެއް ހުޅުވުމަށްފަހު، ބުރާސްފަތި ދުވަހުން ފެށިގެން ބޭރުގެ ބޯޓު ފަހަރަށް ބަންކަރިންގެ ޚިދުމަތްދޭން ފަށާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތް ދޭނީ އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެންނެވެ.
ެއެމްޕީއެލްއިން މިހާރު ވަނީ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓެއް ވެސް ލޯންޗްކޮށްފައެވެ. ބަންކަރިންގ ޚިދުމަތާއެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ޚިދުމަތްތައް އެމްޕީއެލްއިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ގެ ނަމުގައެވެ.
ބަންކަރިންގެ ޚިދުމަތާއެކު އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް އެމްޕީއެލްއިން ފޯރުކޮށްދޭނެއެވެ.
އޭގތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ޚިދުމަތް ހިމެނެއެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން ބަންކަރިންގެ ޚިދުމަތާއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

