ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ފަށައިފިއެވެ.
މިއީ ބްރޯޑްކޮމް އާއި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން ގުޅިގެން ކުރިއަށްގެންދާ ސާވޭއެކެވެ. ސާވޭ ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ބްރޯޑްކޮމްއިން ބުނީ މި ސާވޭއަކީ އެ ކޮމިޝަނުން އާންމުކޮށްފައިވާ "ޗެނަލް ރޭޓިން ލިސްޓު އެކުލަވާލުމުގެ އުސޫލު"ގައި ބަޔާންކޮށްފައިވާ "ޗެނަލް ރޭޓިން ލިސްޓު" އެކުލަވާލުމަށް މުހިންމު މައުލޫމާތުތައް އެއްކުރުމުގެ މަގްސަދުގައި ފެށި ސާވޭއެއް ކަމަށެވެ.
މިސާވޭގެ ދަށުން ވިއުއަޝިޕް އާއި އޯޑިއަންސް ޝައުގުވެރިވާ ޗެނަލްތަކާއި ކޮންޓެންޓުތައް ދެނެގަނެވޭނެ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެ އެވެ. އަދި ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތައް އެ ޕްރޮގްރާމްތަކުގެ ސްޓޭންޑަށް ބައްޓަން ކުރަންވީ ގޮތްފަދަ މުހިންމު ކަންކަން މި ސާވޭއިން އެނގޭނެކަމުގައި ވެސް ބްރޯޑްކޮމްއިން މައުލޫމާތުދެ އެވެ.
މީގެއިތުރުން ބްރޯޑްކޮމްއިން ބުނީ، ސާވޭގެ ތެރެއިން ރޭޑިއޯ އަޑުއަހަނީ ކިހާ މިންވަރެއްގެ މީހުންކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އެއާއެކު ބްރޯޑްކާސްޓިންގައި ކުރާ މަސައްކަތުގައި އެ މައުލޫމާތު ބޭނުންކުރެވޭނެކަމަށް ވެސް ބުނެފައިވެ އެވެ.
މި ސާވޭ ކުރާނީ ދާއިރާގައި ޕްރޮފެޝަނަލް ސާވޭ ގްރޫޕަކާއެކު ކަމަށާއި، ސާވޭ ކުރާނެ ބަޔަކު މިހާރު އައުޓްސޯސްކޮށްފައިވާ ކަމަށް ވެސް ބްރޯޑްކޮމްއިން ބުނެ އެވެ.
ބްރޯޑްކޮމް ފެށި ބްރޯޑްކާސްޓް އޯޑިއަންސް ސާވޭ ކުރިއަށްގެންދާނީ 10 ހަފްތާގެ މުއްދަތަކަށެވެ.

