މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުންދާ ގައުމީ ލަވަ އަލްބަމް މިއަދު ނެރެފިއެވެ.
މި އަހަރުގެ ގައުމީ ލަވަ އަލްބަމް ޚާއްސަ ކޮށްފައިވަނީ “ދިވެހީން” މި ތީމަށެވެ.
ޖުމްލަ 6 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ.
ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވީ ދިވެހިބަހާއި ތަރިކައާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރާއި އާދަމް ޢަބްދުއްރަޙްމާނާއި އިއްޒަތު އަޙުމަދު ނިޒާރާއި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.
އަލްބަމްގެ ރާގު ހައްދަވާފައިވަނީ ކާނަލް ޢަލީ މަނިކާއި ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒާއި ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމާއި ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިނާއި ސްޓާފް ސާޖަންޓް އިބްރާހީމް އާސިފާއި ލާންސް ކޯޕްރަލް މޫސާ ކަލީމެވެ.
އެމްއެންޑީއެފްއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭ ކަމަށާއި މިގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާ ކަމަށެވެ.
އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.
މި އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް މިހާރު ވަނީ އަޕްލޯޑު ކުރެވިފައެވެ.
މީގެއިތުރުން އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްެއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

