އަގުހުރި އިނާމުތަކާއެކު، ކ. ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތެއް ކުރިއަށްގެންދަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
މިއީ ގުރައިދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ. ގަސް އިންދުމުގެ މި މުބާރާތް ކުރިއަށްގެންދަން ނިންމާފައިވަނީ އެރަށުގެ 14 ސަރަހައްދަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެއްވަނަ ސަރަހައްދަށް -/30،000 ރުފިޔާ، ދެވަނަ ސަރަހައްދަށް -/20،000 ރުފިޔާ އަދި ތިންވަނަ ސަރަހައްދަށް -/10،000 ރުފިޔާ އެވެ.
ގުރައިދޫ ކައުންސިލުން ބުނި ގޮތުގައި ވަނަތައް ހޮވާނީ، މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު، ތަޖުރިބާކާރު ރަށުންބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސަރަހައްދުތަކުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި ލިންކު މެދުވެރިކޮށް ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ. އަދި ރަޖިސްޓްރީވާން ޖެހޭނީ ވާދަކުރާ ސަރަހައްދަށް ނަމަކާއި ސަރަހައްދުގެ ލީޑަރެއް ކަނޑައަޅައިގެން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މީގެއިތުރުން ކައުންސިލުން ބުނެފައިވަނީ، މުބާރާތުގައި ބައިވެރިވާ ސަރަހައްދަކުންވެސް އައްޔަނުކުރާ ލީޑަރަކީ މުބާރާތް ނިމެންދެން މުބާރާތުގެ އެންމެހާ ކަންކަމުގައި ކައުންސިލުން މުއާމަލާތުކުރާނެ ފަރާތް ކަމަށެވެ. އެހެންކަމުން ކަނޑައަޅާ ލީޑަރަކީ ފަސޭހަކަމާއެކު އެފަރާތާ މުއާމަލާތުކުރެވޭނެ ފަރާތަކަށް ވާންވާނެ ކަަމަށް ކައުންސިލުން ބުނެ އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ އުސޫލު ކައުންސިލުން މިހާރު ވަނީ އާންމުކޮށްފަ އެެވެ.

