ރާއްޖޭގައި ގައުމިއްޔަތު ދިރުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވެގެންދާނީ ވީދިފައި އޮތް އިޖުތިމާއީ ފޭރާން ރަނގަޅުވެގެން ދިއުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ގައުމީ ދުވަހު ދިވެހިން އަޒުމު ކަނޑައަޅަންވީ ގައުމެއްގެ ގޮތުގައި ގައުމެއްގެ ފުރިހަމަ ސިފައާއެކީގައި ކުރިއަށް ދިއުމަށް ކަމަށެވެ. އަދި މީގެ އެންމެ މުހިންމު ކަމަކީ އެއްބައިވަންތަކަން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެންމެ މުހިންމު އެއް ކަމަކީ ދިމާވާ ހުރިހާ ކަމެއްގައި ވެސް ގައުމީ ވިސްނުމުގައި ހުރިހާ ރައްޔިތުން މަސައްކަތް ކުރުން ކަމަށެވެ.
މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ޝިޔާމް އިތުރަށް ވިދާޅުވީ ގައުމިއްޔަތު ދިރުވަން ރައީސް ޑރ. މުޢިއްޒު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވެގެންދާނީ ވީދިފައި އޮތް އިޖުތިމާއީ ފޭރާން ރަނގަޅުވެގެން ދިއުން ކަމަށާއި ގައުމެއްގެ ފުރިހަމަ ސިފައިގައި މި ގައުމު ފެނިގެންދިއުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

