ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއް ކަމުގައިވާ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާ ގުޅިގެން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސް ފޮނުއްވި މެސެޖުގައި ވަނީ އަލްއަމީރާ ލަތީފާގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސްގެ މެސެޖުގައި ވަނީ ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި މަރްހޫމާގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ހެޔޮ ދުއާ ކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަމީރާ ލަތީފާގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވައި، މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވަމުންނެވެ.
ހަމައެއާއެކު ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

