އިޙްތިޖާޖުކުރި ޑރ. ޝަޒްރާ އިބްރާހިމާއި އާއިޝަތު ޝާދިޔާ ޝަރުތުތަކަކާއެކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މިދެމީހުން ހައްޔަރުކުރީ ނިމުނު އޮގަސްޓް 28 ވަނަ ދުވަހު އެވެ. ހައްޔަރުކުރި ފަހުން ދެފަހަރެއްގެ މަތިން އެމީހުންގެ ބަންދު މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ފުލުހުންގެ ބެލުމުގެދަށަށް މިދެމީހުން ގެންގޮސްފައި ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަނީކަމަށް ބުނެ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުގަދަކުރާ ބޭނުންކޮށް އިހުތިޖާޖު ކޮށް އުޅުނު މައްސަލައިގަ ފުލުހުން ނަސޭހަތްދިނުމުން އިންޒާރު ދިނުމުން ވެސް ހުއްޓާނުލުމުންނެވެ.
ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީން އެމީހުން ދޫކޮށްލީ އެމްބަސީތައް ކަައިރިއަށްގޮސް އަޑުނުއުފުލަން ޝަރުތުކޮށްފައެވެ. އެ ދެ އަންހެނުން މިއަދު ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.
މިދެމީހުންގެ ތެރެއިން ޝާދިޔާއަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމީހުން ސައޫދީ ސަފީރުގެ އޮފީސް ދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތް ތެރެއަށް ކުނިއަޅާ ހެދިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ

