މާލޭ މާފަންނު ސަރަހައްދުގެ ގެއަކުން އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ފޭރިގަނެފައި ވަނީ އެގެއަށް ވަދެ އެގޭގެ ދެ މީހެއްގެ ކަރުގައި ވަޅިޖައްސައި ބިރު ދެއްކުމަށްފަހުގައި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، މި ދެމީހުން އެ ގެއަށް ވަދެފައިވަނީ ފާހާނާގެ ފެންލައިޓުން ކަމަށެވެ. އަދި އެ ގޭގެ ކޮޓަރިއަކަށް ވަދެ، ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅިޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެގޮތަށް ބިރުދެއްކުމަށްފަހު އެ ދެ މީހުންގެ މޯބައިލް ފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ތަކެތި ފޭރިގަނެފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތަކީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30 އަހަރު) އާއި ބ. ދަރަވަންދޫ، ވިދުވަރު، ހުސެއިން ޝާއިފް (32 އަހަރު) އެވެ.
ފުލުހުންގެ ބުނި ގޮތުގައި، ފޭރުމަށްފަހު މި ދެ ފަރާތުން ފިލައިގެން ގޮސްފައި ވަނީ ފާހާނާއަށް ވަދެ، އެތެރެއިން ދޮރުތަޅުލައި، ފެންލައިޓުން ނިކުމެގެންނެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ރޭގެ ވަގުތެއްގައެވެ.
އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތަކެތި އެމީހުން އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

