މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ދަށުން، ދިފާއީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާ ގުޅިގެން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިޔަށް ގެންދާ ހާއްސަ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ކަނބާ އައިސާރަނި ހިނގުމުގައި ހޮޅިއެޅުމުގެ މަސައްކަތް ކަމަށްް އެކޯޕަރޭޝަނުން ބުނެފި އެވެ.
އާރްޑިސީއިން މިކަން ހާމަކޮށްފައި ވަނީ އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އާރުޑީސީގެ އެކްސްޕޯސްޓުގައި ބުނީ މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މިވަގުތު ކުރިއަށް ދަނީ، ކަނބާ އައިސާރަނި ހިނގުމުގައި އެފްއެސްއެމް ކުރިމަތީގައި އެކްސްކެވޭޝަން މަސައްކަތާއި ހޮޅި އެޅުން އަދި ހޮޅިތަކުގެ ވެލްޑިން ގެ މަސައްކަތް ކަމަށެވެ.

ކަނބާ އައިސާރަނި ހިނގުމުގައި ހޮޅިއަޅަނީ…. ފޮޓޯ: އާރްޑީސީ
މި މަޝްރޫއުގެ މަސައްކަތް އެންމެފުރަތަމަ ފެށީ ވެސްޓް ޕާކް ސަރަހައްދުންނެވެ. އެގޮތުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަން ޖެހޭ ވަސީލަތްތައް ހަރުކޮށްފައިވާއިރު އެނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދީފައި ވެއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ދިފާއީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އާރް.ޑީ.ސީ ގުޅިގެން ކުރިޔަށް ގެންދާ ހާއްސަ މަޝްރޫއުއެއް ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

