މާލޭގެ ގިނަބަޔަކު ނަމާދުކުރަންދާ މިސްކިތަކަށް ވާތީ، ގިނަބައަކު އިންތިޒާރު ކުރަމުން އައި އާސަހަރާ މިސްކިތުގެ ތިރީބައި މާދަމާ އަލުން ހުޅުވުން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މާދަމާ ހުކުރު ނަމާދަށް އެ މިސްކިތުގެ ތިރީ ބައި ހުޅުވުމުގެ ގޮތުން ކުރިއަށްދާ އެންމެ ފަހުގެ ތައްޔާރީތައް މޭޔަރ އާދަމް އާޒިމް ބައްލަވައިލައްވާފައިވާ ކަމަށް ބުނެފައިވެއެވެ.
“ވަރަށް ބޮޑު މަރާމާތަކަށް ފަހު މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި އަލުން ހުޅުވުމަށް 5 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހު (މާދަމާ) ހުކުރު ނަމާދަށް ހުޅުވުމުގެ ގޮތުން ކުރިއަށްދާ އެންމެ ފަހުގެ ތައްޔާރީތައް މޭޔަރ އާދަމް ބައްލަވައިލައްވައިފި،"

އާސަހަރާމިސްކިތުގެތިރީބައި ހުޅުވުމަށް ފަހުގެ ތައްޔާރީތައް
މި މިސްކިތުގެ މަސައްކަތް ފެށީއްސުރެ ވަރަށް ގާތުން ބައްލަވަމުންދާއިރު މީގެ ކުރިން މިސްކިތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި، އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޟޫކުރާ ތަނެއްގެ އިތުރުން ނަމާދު ކުރާ ބައަކާއި ޖަނާޒާތަކަށް ވަޑައިގެންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށްވެސް ސިޓީކައުންސިލުން ވަނީ މިސްކިތާ ބެހޭ ގޮތުން މީގެ ކުރިން ދީފައިވާ އެކިމައުލޫމާތުތަކުގެ ތެރޭގައި ހާމަކޮށްފައެވެ.

އާސަހަރާމިސްކިތުގެތިރީބައި ހުޅުވުމަށް ފަހުގެ ތައްޔާރީތައް މޭޔަރއާޒިމް ބައްލަވާލައްވަނީ
އާސަހަރާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމް ހުންނައިރު ހިނަވާގޭގައި އެއް ވަގުތެއްގައި ދެ މީހުން ހިނެވޭނެ ގޮތް ހަމަޖެހޭނެކަމަށް ސިޓީކައުންސިލލުން ބުނެފައެވެ.
އާސަހަރާ މިސްކިތަކީ މާލޭގެ އެންމެ ގިނަ މީހުން ނަމާދުކުރުމަށް ޒިޔާރަތްކުރާ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަށްވާއިރު މިސްކިތުގެ ތިރީބައި އަލުން ހުޅުވުމަކީ މާލޭގެ ގިނަ ރައްޔިތުން އިންތިޒާރުކުރަމުން އައި ކަމެއްވެސްމެއެވެ. އަދި މާދަމާއަކީ މިދިގު އިންތިޒާރަށް ފޮނިނިމުމެއް އަންނާނެ އުފާވެރި ހުކުރު ދުވަހެވެ.

