ރޭ ދަންވަރު ގިނަ ބަޔަކު ސިއްސުވައިލީ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވި ޚަބަރާއެކުއެވެ.
ހުޅުމާލޭގައި ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ރޭ މެންދަމު ހިނގި މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވަނީހެވެ.
ނިޔާވެފައިވަނީ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއް ކަމަށްވާ ލާންސްކޯޕްރަލް ޙަސަން ސަމާހުއެވެ.
މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ ލ.އިސްދުއަށް އުފަން ސަމާހު ނިޔާވީ މާލެ އައިތާ ހަފުތާއެއްގެ ތެރޭގައެވެ. އޭނާ މާލެ އައީ ރޭ ދަންވަރު ހުޅުމާލޭގައި ބޭއްވި މެރަތަންގައި ބައިވެރިވުމަށެވެ.
ސަމާހު ނިޔާވީ އާއިލާގެ ބައެއް މެންބަރުންނާއެކު ކެއުމެއްގައި ބައިވެރިވުމަށްފަހު، މެރަތަން އޮންނަ ސަރަހައްދަށް ބައެއް މީހުން ގެންގޮސްދިނުމުގައި އުޅުމުގެ ތެެރޭގައެވެ.
ސަމާހުއަކީ އެންމެންނާ ވެސް ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ. ސަމާހު ނިޔާވިއިރު، އޭނާ އައީ އަންނަ މަހުގައި ކައިވެނި ކުރަން ތައްޔާރުވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރޭގެ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

