މިދިޔަ އޮގަސްޓު މަހު ވައްކަމުގެ 300 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 1010 މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަށް ކަމަށްވާއިރު، އެފަދަ 323 މައްސަލަ ވަނީ ހުށަހަޅާފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލައެވެ. އެގޮތުން ބަލާއިރު އެކްސިޑެންޓްގެ 204 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެއިތުރުން މިދިޔަ މަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ 131 މައްސަލައާއި އެއްޗެހި ގެއްލުމުގެ 78 މައްސަލައާއި އަނިޔާކުރުމުގެ 53 މައްސަލައާއި މުދަލަށް ގެއްލުންދިނުމުގެ 50 މައްސަލައާއި ފޭރުމުގެ 46 މައްސަލައާއި ޖިންސީ ގޯނާގެ 41 މައްސަލައާއި މަކަރާއި ހީލަތުގެ 37 މައްސަލައާއި ގެވެށި އަނިޔާގެ 31 މައްސަލައާއި ފޯޖަރީގެ 16 މައްސަލައެވެ.
ފުލުހުން ކޮންމެ މަހަކު ނެރޭ ރިޕޯޓަށް ބަލާއިރު ވެސް ކޮންމެ މަހަކު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.

