ރޭ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކާރު ދުއްވަން އިނީ އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީއެވެ. މީނާ ހުރީ ފުލުހުންގެ ހައްޔަރުގައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ މެންދަމު 02:48 ގައި ކަމަށާއި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ހުންނަ އުރީދޫ އޮފީސް ކުރިމަތީކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާގައި ސައިކަލް ވަދެފައިވަނީ ވަންވޭ އެއް ފަޅާލާފައި ކަމަށާއި މި ހާދިސާގައި ސައިކަލް ދުއްވަން އިން 23 އަހަރުގެ ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.
ރޭ ހިނގި މި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެފައިވާއިރު އިއްޔެ ރޭ ވެސް މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ވެންޓިލޭޓަރުގައި މިހާރު ވެސް އަންނަނީ ފަރުވާދެމުންނެވެ.

