ދާހިލީ ސަލާމަތާގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ ޚާއްސަ ރެއިޑުގައި، ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު އިޙްސާން ކުރެއްވި ޕޯސްޓުގައި ވަނީ ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯސްއިން ހިންގަން ފެށި އޮޮޕަރޭޝަންގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ވެރިން މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު، ގައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ބިދޭސީން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް އިމިގުރޭޝަންއިން ބުނެފައިވެއެވެ.

