މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާގެ ބައެއް ވަގުތުތަކުގައި ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާލެ ސިޓީ، ދަނބުރުއް މަގު، ދަނބުރުއް ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަހައްދުންނާއި ދަނބުރުއް މަގު، އަނޯނާ ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ބުރުޒު މަގު، ރިޔާސީ ހިނގުން، ރައިވެރި ހިނގުން، އަމީނީ މަގު އަދި ހަނދުވަރީ ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 13:30 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހުޅުމާލެ ނެއިބަރހުޑް 2 އަދި އިންޑަސްޓްރިއަލް ޒޯނުގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންވެ އެ ކުންފުނިން ވަނީ ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

