ރޭ މެންދަމު 02:48 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ކޯޓުން ޖަހައިފިއެެވެ.
އެ އެކްސިޑެންޓާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަންގަވައިފިއެވެ.
ރައީސް ޑރ، މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތައް ގެނެސް، ވެސް އެކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށާއި، އަދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ރޭ ހިނގި އެ އެކްސިޑެންޓެއްގައި ވަނީ މީހެއްގެ ފުރާނަ ގެއްލިފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ 23 އަހަރުގެ ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހްއެވެ.
އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވާއިރު އެއީ އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ހުންނަ އުރީދޫ އޮފީސް ކުރިމަތީގައެވެ.

