ދައްކަން އުޅުނު ވާހަކަ ދައްކަވާނަން ކަމަށް ވިދާޅުވެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ، ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޒާރެއްދީފިއެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ، އޭނާ، ވިސާގެ މައްސަލާގައި އިނގިރޭސީވިލާތުގައި ހައްޔަރު ކޮށްފައިވަނިކޮށެވެ. ނަމަވެސް އޭނާ ޖަލުން ދޫކޮށްލި ކަމުގެ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް އަދި ނުލިބެއެވެ. އަލީ ވަހީދު ހައްޔަރުކުރީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ އެދުވަހު ނޫސްވެރިންނާއި ބައްދަލުކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
ސަރުކާރުން އެންމެ ފަހުން ހާމަ ކޮށްފައިވާ ގޮތުގައި، އިނގިރޭސި ވިލާތުގެ ޖަލުގައި ބަންދުކޮށްގައި ހުންނެވި އަލީވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

