ކޮލެސްޓްރޯލަކީ ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގައި ހިމެނޭ ވެކްސީ، ސަރުބީ ފަދަ މާއްދާއެއް ކަމަށާއި، މިއީ ހޯރމޯންތަކާއި ވިޓަމިން ޑީ އަދި ހަޖަމުކުރުމަށް އެހީތެރިވެދޭ މާއްދާތައް އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ ކޮލެސްޓްރޯލެއް އުފައްދާ ނަމަވެސް ބައެއް ކާނާތަކުގައި ވެސް ކޮލެސްޓްރޯލް އެކުލެވިގެންވެ އެވެ. (ކޮލެސްޓްރޯލް ދަށްކޮށްލަދޭނެ ފައިދާ ހުރި ބުއިމެއް ތައްޔާރުކުރާ ގޮތް ގެނެސްދޭއިރު އޭގައި ހިމެނޭ ބާވަތްތަކުގެ ފައިދާތައް ވެސް ގެނެސްދިނުން މުހިންމު ކަމުގައި ދެކެމެވެ.)
ކޮލެސްޓްރޯލް މަތިވުމަކީ ވާރުތަވާ ކަމެއް ނަމަވެސް ގިނަ ފަހަރަށް ދިމާވަނީ ސިއްހަތަށް ނުރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅި އިޚްތިޔާރު ކުރުމުން ކަމުން ދުޅަހެޔޮ ކާނާ އާއި ގަވާއިދުން ކަސްރަތު ކުރުމާއި ބައެއް ފަހަރު ބޭސް ބޭނުން ކުރުމުން ކޮލެސްޓްރޯލް ދަށް ކޮށްދޭނެއެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ ބުއިމެއް ތައްޔާރު ކުރާއިރު އެ ބުއިން ތައްޔާރުކުރަން ބޭނުން ކުރާ ބާވަތްތަކުގައި ކޮލެސްޓްރޯލް ދަށްކޮށްދިނުމުގެ ގާބިލުކަން ހުރި މިންވަރެއް ދެނެގަތުން މުހިންމެވެ. މިބުއިން ތައްޔާރުކުރުމަށް ބޭނުންވާނީ އާފަލާއި ކަރަންފޫ އަދި ފޮނިތޮށްޓެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ ބުއިމެއް؛ބޭނުންވާނީ އާފަލާއި ކަރަންފޫ އަދި ފޮނިތޮށި…….ފޮޓޯ: ފްލަޔަރ
ބޭނުންވާ ތަކެތި:
- 2 އާފަލު
- 5 ކަރަންފޫ
- 2 ފޮނިތޮށި
- ބައި ލީޓަރު ފެން
- ބޭނުމިއްޔާ އެއްކޮށްލުމަށް ސަމުސަލެއްގެ މާމުއި

ހަފުތާއަކު ތިން ފަހަރު ނޫނީ ހަތަރު ފަހަރު ބޭނުން ކުރުންރަނގަޅު……ފޮޓޯ: ފްލަޔަރ
ތައްޔާރު ކުރާނެ ގޮތް:
އާފަލުގެ އޮށް ވަކިކޮށް، (ތޮށި ނުމަށާ، ތޮށްޓާއެކު،) އާފަލު މެދުމިނަކަށް ކޮށާލާށެވެ.
ބައި ލީޓަރުގެ ފެން ސާފު ތެއްޔަކަށް އެޅުމަށްފަހު، އާފަލު، 5 ކަރަންފުލާއި 2 ފޮނިތޮށިކޮޅު އަޅައިގެން 15މިނެޓް ނުވަތަ ވިއްސަކަށް މިނެޓް ވަންދެން ރަނގަޅަށް ރަހަ ފެންގަނޑަށް ނިކުންނަ ވަރަށް ކައްކާށެވެ.
އަދި ދެން ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ.
ބޭނުންނަމަ މާމުއި ސަމުސަލެއް އެއްކޮށްގެން ބޭނުން ކުރެވިދާނެއެވެ.

އާފަލުގައި ހިމެނޭ މާއްދާތައް ދުޅަހެޔޮކަން އިތުރުކޮށްދީ ކޮލެސްޓްރޯލް އޮކްސިޑޭޓްވުން ހުއްޓުވުމަށް އެހީތެރިވެދޭ……ފޮޓޯ:ފްލަޔަރ
ހަފުތާއަކު ތިން ފަހަރު ނޫނީ ހަތަރު ފަހަރު ބޭނުން ކުރުން ރަނގަޅެވެ. މާނައަކީ ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ބޭނުން ކުރުން ރަނގަޅުވާހަކައެވެ. ހޫނުކޮށް އަދި ފިނިކޮށް ވެސް ބޭނުން ކުރެވިދާނެއެވެ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ ތާޒާކަން މަތީގައި ބުއިމެވެ.
ނޯޓް: މިފަދަ ކޮންމެ ކަމަކީވެސް ސިއްހީއެހީތެރިއެއްގެ ލަފާ މުހިންމު ކަންތައް ކަމަށް ވާތީވެ، މިއީ ގުދުރަތީ މާއްދާތައް އެއްވެސް މަސްނޫއީ ބާވަތަކާ ނުލައި ތައްޔާރުކޮށްފައިވާ ބުއިމެއް ކަމަށް ވިޔަސް، ސިއްހީ މާހިރަކާ މަޝްވަރާކޮށް، ކޮލެސްޓްރޯލް މަތިވުމަށް ބޭސް ހޯދައި ބޭސް ބޭނުން ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކަރަންފޫ ލިޕިޑް ޕްރޮފައިލް ރަނގަޅު ކުރުމަށް އެހީތެރިވެދެވޭ…….ފޮޓޯ: ފްލަޔަރ
އާފަލުގައި ކޮލެސްޓްރޯލް ދަށްކުރުމުގައި މުހިންމު ދައުރެއް އަދާކުރަނީ އޭގައި ސޮލިއުބަލް ފައިބަރު، ޚާއްޞަކޮށް ޕެކްޓިން ގިނައިން ހުރުމުންނެވެ. ސޮލިއުބަލް ފައިބަރަކީ ހަޖަމުކުރާ ނިޒާމުގައި ކޮލެސްޓްރޯލް އާއި ގުޅިގެން ލޭގެ ތެރެއަށް ކޮލެސްޓްރޯލް މަތިވުން ހުއްޓުވައިދީ، ހަށިގަނޑުން ކޮލެސްޓްރޯލް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާފަލުގައި ހުންނަ ސޮލިއުބަލް ފައިބަރުގެ ވައްތަރެއް ކަމަށްވާ ޕެކްޓިން އަކީ ގިނަ ފަހަރަށް "ނުބައި" ކޮލެސްޓްރޯލް ގެ ނަމުން ނަންދެވިފައިވާ އެލްޑީއެލް (ލޯ ޑެންސިޓީ ލިޕޯޕްރޮޓީން) ގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.

ފޮނިތޮޮށްޓަކީ އެންޓިއޮކްސިޑެންޓްސް ގިނައިން ހިމެނޭ……ފޮޓޯ:ފްލަޔަރ
މީގެ އިތުރުން އާފަލުގައި ފްލެވަނޮއިޑްސް އާއި ޕޮލިފެނޯލްސް ފަދަ ތަފާތު އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، މިއީ ދުޅަހެޔޮކަން ދަށްކުރުން ހުއްޓުވައި ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއަޅައިދޭ ކޮލެސްޓްރޯލް އޮކްސިޑޭޓްވުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އޮކްސިޑައިޒްޑް ކޮލެސްޓްރޯލް ގެ ސަބަބުން ލޭހޮޅިތަކުގައި ޕްލެކް ޖަމާވުމުގެ ފުރުސަތު ބޮޑު ވެއެވެ. އާފަލަކީ ގުދުރަތީ ގޮތުން ކެލޮރީ އާއި ސަރުބީ މަދު އެއްޗަކަށް ވާތީ، މިއީ ބެލެންސްޑް ޑައިޓާއި ޖުމްލަ ހިތުގެ ސިއްހަތަށް އެހީތެރިވެދޭ ސިއްހަތަށް ފައިދާހުރި ލުއި ކާނާއަކަށް ވުމުގެ އިތުރުން އާފަލުގައި ލިޕިޑް މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ފައިޓޯކެމިކަލްސް އެކުލެވިގެންވެ އެވެ. ބެލެންސްޑް ޑައިޓަކަށް އާފަލު ހިމެނުމަކީ އެހެން މޭވާއާއި ތަރުކާރީއާއި ހޯލް ގްރޭންސް އަދި ލީން ޕްރޮޓީންތަކާއެކު ކޮލެސްޓްރޯލްގެ މިންވަރު ބެލެހެއްޓުމާއި ހިތުގެ ސިއްހަތު ކުރިއެރުވުމަށް ކުރެވިދާނެ ފައިދާހުރި ސްޓްރެޓެޖީއެކެވެ.

އާފަލުގައި ފްލެވަނޮއިޑްސް އާއި ޕޮލިފެނޯލްސް ފަދަ ތަފާތު އެންޓިއޮކްސިޑެންޓްސްހިމެނޭ…..ފޮޓޯ:ފްލަޔަރ
އާފަލަށް އިތުރުކުރެވޭ ކަރަންފުލަކީ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމުގައި އޭގެ ދައުރު ބޮޑު އެއްޗެއް ކަމަށް ދިރާސާތަކަށް ވަނީ ސާބިތުވެފައެވެ. ކަރަންފުލަކީ އެންޓިއޮކްސިޑެންޓްސް އާއި ޚާއްސަކޮށް ޔޫޖެނަލް އިން މުއްސަނދި މާއްދާއެއް ކަމަށްވާއިރު މިއީ ހަށިގަނޑުގައި އޮކްސިޑޭޓިވް ސްޓްރެސް އާއި ދުޅަހެޔޮކަން ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެއްވެސްމެއެވެ. މިގޮތަށް އޮކްސިޑޭޓިވް ސްޓްރެސް އާއި އިންފްލެމޭޝަން ދަށްވުމަކީ ހިތުގެ ސިއްހަތު ރަނގަޅުވެ ކޮލެސްޓްރޯލްގެ މިންވަރު ދަށްވުމަށް މަގުފަހިކޮށްދޭ ކަމެކެވެ
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަރަންފޫ ލިޕިޑް ޕްރޮފައިލް ރަނގަޅު ކުރުމަށް އެހީތެރިވެދެވޭނީ "ރަނގަޅު" ކޮލެސްޓްރޯލްގެ ނަމުން މަޝްހޫރު ހައި ޑެންސިޓީ ލިޕޯޕްރޮޓީން (އެޗްޑީއެލް) ކޮލެސްޓްރޯލްގެ މިންވަރު އިތުރުކޮށްދީ، "ނުބައި ކޮލެސްޓްރޯލް ގެ ނަމުން މަޝްހޫރު ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް) ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭތީއެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށް ކަރަންފޫ އެހީތެރިވެދެއެވެ. ލޭގައި ހަކުރު މަތިވުމަކީ ކޮލެސްޓްރޯލްގެ މިންވަރު މަތިވުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ސަބަބެކެވެ.

ފޮނިތޮށިން ލިޕިޑް މެޓަބޮލިޒަމް ރަނގަޅުކޮށްދޭ…………ފޮޓޯ:ފްލަޔަރ
ފޮނިތޮޮށްޓަކީ ކޮލެސްޓްރޯލްގެ މިންވަރު ބެލެހެއްޓުމުގައި އަދާކުރާ ދައުރު ހިމެނޭ ގޮތަށް ސިއްހީ ގޮތުން ލިބިދާނެ ފައިދާތަކެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. ފޮނިތޮޮށްޓަކީ އެންޓިއޮކްސިޑެންޓްސް ގިނައިން ހިމެނޭ މާއްދާތަކެއް ކަމަށްވާއިރު އޮކްސިޑޭޓިވް ސްޓްރެސް އާއި ދުޅަހެޔޮކަން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. ލޭގައި ހަކުރުގެ މިންވަރު މަދުވުމުން ގިނަ ފަހަރަށް ކޮލެސްޓްރޯލް މަތިވުމާ ގުޅިފައިވާ ހަކުރުބަލި ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފޮނިތޮށިން ލިޕިޑް މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ޖުމްލަ ކޮލެސްޓްރޯލް، އެލްޑީއެލް (ނުބައި ކޮލެސްޓްރޯލް) އަދި ޓްރައިގްލިސެރައިޑްސްގެ މިންވަރު ދަށްކޮށްދޭއިރު، އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) އިތުރުވެދާނެ އެވެ.
(ނޯޓް: މި ލިޔުމުގައި މިވާ މައުލޫމާތުތަކަކީ މާޔޯކްލިނިކުން ޑރ މާރިޔާ އެލްކްލާސޯ އަދި ޑރ ރެބެކާ އޭ ބްރައުނީގެ ލިޔުންތަކުން މައުލޫމާތު ނަގައި، އަދި އެހެން ދެ ޑޮކްޓަރެއްގެ ފަރާތުންވެސް މިއީ ރަނގަޅު މައުލޫމާތު ތޯ އޮޅުން ފިލުވުމަށްފަހު ގެނެސްދީފައިވާ ލިޔުމެކެވެ. ޝުކުރިއްޔާ)

