ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު އަށް ކަމެއް ތަންފީޒުކުރަން ފަށަން، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައި، އެކަންކަން މިރޭ ހާމަކުރައްވައިފިއެވެ.
ރައީސް ޑރ މުއިއްޒު މިކަންކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓުގައި، މުއައްސަސާތަކަށް މިއަދު އެންގެވި ކަންކަން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަން ފާހަގަކުރައްވާފައިވެއެވެ. އަދި އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދު ފަހަރުން ނުކުންނަ ގަދަ އަޑަކީ ޢާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީވެސް މި އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެންގެވި މުހިންމު 8 ކަމަކީ؛
- މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
- ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުން.
- ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
- ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
- އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
- ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
- ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
- މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
ރައީސް މިއަދު މެންދުރު ވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިފަދަ ވަރުގަދަ ފިޔަަވަޅުތައް އަޅަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެންނއެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވި ސަމާހް އަކީ ކަރެކްޝަންސްގެ ދަށުން ހިންގަމުން އަންނަ މާފުށީ ޖަލުގައި ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕުގައި ވަޒީފާ އަދާ ކުރަމުން އައި ޕްރިޒަން ލާންސްކޯޕްރަލް އެކެވެ. ސަމާހް މާލެ އައިސްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

