އާފުރުމަކީ އާދަޔާ ޚިލާފު ކަންތައްތަކެއް އެކުލެވިގެން ވާ ކަމެކެވެ. ކައިރީގައި އެހެން މީހަކު އާފުރޭ ނަމަ އެ ކަމުގެ އަސަރު އަނެކާއަށް ކުރެއެވެ. މީހަކު އާފުރޭ އަޑު އިވުމުން ވެސް، އަދި އެ ކަމުގެ ވާހަކަ ދެއްކުމުން ވެސް އާފުރުން އަންނަ ކަމުގައި މި ކަން ދިރާސާކުރައްވާ ދާރިސުން ބަޔާންކުރައްވައެވެ.
އާފުރުމަކީ މަކްރޫހަކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ނަމާދުގެ ތެރޭގައި އާފުރުން ދުރުކޮށްލުމުގެ ބާރު އޮވެމެ، ފަރުވާކުޑަކަމުން އާފުރުމަކީ މަކްރޫހަކަން ބޮޑުވެގެންވާ ކަމެކެވެ.
އާފުރުމަކީ މާތް ﷲ ނުރުއްސަވާ ކަމެކެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «وَيَكْرَهُ التَّثَاؤُبَ» (البخاري) މާނައީ: “އަދި އާފުރުމާ މެދު އެކަލާނގެ ރުހިވޮޑިގެން ނުވެއެވެ.” އާފުރުމަށް މާތް ﷲ ރުހިވޮޑިގެން ނުވަނީ އެ ކަމުގެ ސަބަބުން އަޅާއަށް ލިބޭ ކަންނެތްކަމާއި ލޮޑުކަމާހުރެއެވެ.
އާފުރުމަކީ ޝައިޠާނާގެ ފުށުން އަންނަ ކަމެކެވެ. ޝައިޠާނުން ބޭނުންވާނީ އިންސާނާ ކަންނެތް ކުރުމަށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «التَّثَاؤُبُ مِنَ الشَّيْطَانِ» (مسلم) މާނައީ: “އާފުރުން އަންނަނީ ޝައިޠާނާގެ ފުށުންނެވެ.”
އާފުރުމަކީ މާތް ﷲ ރުހިވޮޑިގެން ނުވާ ކަމެއް ކަމުގައި ވުމާއި، ޝައިޠާނާގެ ކަމެއް ކަމުގައި ވާތީ؛ ވީވަރަކުން އާފުރުމާ ދުރުވާން ޖެހެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ» (البخاري) މާނައީ: “ފަހެ، ތިޔައިގެ ތެރެއިން މީހަކު އާފުރޭ ނަމަ، އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެ ކަން ދުރުކުރާށެވެ!” ވުޟޫކުރުމާއި، އިށީނދެ އިންތަން ނޫން އެހެން ތަނަކަށް ބަދަލުވުމާއި، ދަތް އުނގުޅުމާއި، އާފުރޭ ހިނދު ތިރީ ތުންފަތުގައި މަޑުމަޑުން ދަތްއަޅައި ހިފަހައްޓާލުމަކީ އާފުރުން ދުރުކުރުމަށް ކުރެވިދާނޭ ކަންކަމެވެ.
އާފުރޭ ވަގުތަކީ ޚާއްޞަގޮތެއްގައި ޝައިޠާނާ ހަށިގަނޑަށް ވަންނަ ވަގުތެއް ކަމުގައި ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «إذا تَثاءَبَ أحَدُكُمْ، فَلْيُمْسِكْ بيَدِهِ علَى فِيهِ، فإنَّ الشَّيْطانَ يَدْخُلُ» (مسلم) މާނައީ: “ތިޔައިގެ ތެރެއިން މީހަކު އާފުރޭ ނަމަ، އެ މީހާގެ އަތުން އޭނާގެ އަނގައިގައި ހިފަހައްޓާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެހިނދު ޝައިޠާނާ (އެ މީހާގެ ހަށިގަނޑަށް) ވަދެގަނެއެވެ.” ނަމާދުގެ ތެރޭގައި ހުންނައިރު ވެސް އާފުރެވޭ ނަމަ އަތުން އަނގަ ނިވާކުރުމަކީ މުސްތަޙައްބު ކަމެކެވެ.
ހަމަ މި ފަދައިން، އާފުރޭއިރު އަޑުލެއްވުމުން ދުރުހެލިވާން ޖެހޭނެއެވެ. އަޑުލެއްވުމީ އަދަބުވެރިކަމާ ޚިލާފު ކަމެކެވެ. އަދި އެއީ ޝައިޠާނާ އެ މީހަކަށް މަލާމާތްކޮށް ހޭނެ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި އާފުރުން ދަންނައެވެ. ފަހެ، އެ ކަމަކީ ޝައިޠާނާގެ ކަމެކެވެ. ފަހެ، ކުޅަދާނަވީ މިންވަރަކުން އެ ކަން ދުރުކުރާށެވެ! ފަހެ، (އާފުރެވޭ ހިނދު) ހާނ! ކިޔައި އަޑުލައްވައިފި ނަމަ، އެ މީހަކަށް (މަލާމާތްކޮށް) ޝައިޠާނާ ހޭނެއެވެ.”
އާފުރޭ ހިނދު “أعوذ”ކިޔުމަށް އިރުޝާދު-ދެއްވައިފައި އޮތް ޞަރީޙަ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ.
މައުލޫމާތު: الشَيْخ مُحَّمَد سِنَان / ދީނުގެމަގު

