ދޮޅު އަހަރެއްހާ ދުވަސް ކުރިއްސުރެ. އެކި ކުންފުނިތަކުން ހަވާލުވެ، ކުރިއަށްނުގޮސް ހުއްޓިފައި ހުރި ފެނާ ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަތީނު ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ސަރުކާރު ބަދަލުވެގެން އައިއިރު ރަށްރަށުގައި ފަށާފައިވާ ވަރަށް ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައިކަން ފާހަގަކުަރައްވައި މަތީން ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު އެމްޑަބްލިއުއެސްސީން ހަވާލުވެފައިވާ 25 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން ދެ ރަށެއް ފިޔަވާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި 85 ޕަސެންޓް އަދި ބައެއް ރަށްރަށުގައި 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ފަސް ރަށެއްގެ މަސައްކަތް މިހާރު ވެސް ނިންމާލާފައިވާކަން ވެސް މަތީން ފާހަގަކުރެއްވިއެވެ. މަތީން ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން އިތުރު މަސައްކަތްތަކާ ވެސް އެ ކުންފުނިން ހަވާލުވާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވެގެން އައިއިރު އެހެން ކުންފުނިތަކުން ހަވާލުވެ، ނަމަވެސް ހުއްޓިފައިވާ 22 މަޝްރޫއެއް އެކުންފުނިން ހަވާލުވެގެން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެ ކުންފުނިން އެ މަޝްރޫއުތަކާ ހަވާލުވުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި، އެ ރަށްރަށުގައި ސާވޭ ވެސް ހަދައި ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަތީނު ވިދާޅުވީ އެމަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރުމުގެ ލިޔެކިޔުންތައް އެއްކޮަށް ނިމި މަސައްކަތްތައް ހަވާލުކުރުުމުގެ ކަންކަން މިމަސްތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ލިޔެކިޔުންތައް ނިމުމާއެކީގަ އެރަށްރަށުގަ މަސައްކަތް ފަށައިގަންނާނެ ކަމަށާއި އުންމީދަކީ އެރަށްތައް މިއަންނަ އަހަރުގެ ނިޔަލަށް ނިންމާލުން ކަމަށްވެސް މަތީނު ވަނީ ވިދާޅުވެފައެވެ.
މަޝްރޫއުތައް ހުއްޓިފައިވާ ރަށްތަކުގައި މާބޮޑު މަސައްކަތެއް ކޮށްފައި ނުވާކަން ވެސް މަތީން ވިދާޅުވިއެވެ. ބައެއް ރަށްރަށުގައި ފަސް ޕަސެންޓަށް ވެސް މަސައްކަތް ކުރިއަށް ގޮސްފައި ނުވާކަން މަތީން ފާހަގަކުރެއްވިއެވެ. މަތީން އިތުރަށް ވިދާޅުވީ ބައެއް ރަށްރަށުގައި ފެނާ ނަރުދަމާގެ ސިސްޓަމް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށެވެ. އެގޮތުން މާފުއްޓަކީ އެފަދަ އެއްރަށްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ސިސްޓަމް ބަދަލުކޮށް އަދި އެރަށުގެ އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

