އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް 300 މެޓްރިކް ޓަނުގެ ކާގޯ އުފުލާ "އެމްވީ ނިއުމަތު" އަންނަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ކައިރިކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
"300 ވަރަކަށް މެޓްރިކް ޓަނުގެ ކާގޯ ހިތަދޫ ރީޖަނަލް ޕޯޓަށް. އައްޑޫ ސިޓީއަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓުޓިކޮރިން އިން 300 ވަރަކަށް މެޓްރިކް ޓަނުގެ ކާގޯ ލޯޑުކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރު ކުރަމުން އެބަދެއެވެ. ޝެޑިއުލްގައި ވާގޮތުން މިބޯޓަށް ހިތަދޫ ޕޯޓަށް ބަނދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހު،" ވަޖީހު ވިދާޅުވިއެވެ.
މި ބޯޓުން ގެންނަ މުދަލުގެ ތެރޭގައި ތަރުކާރީއާއި މޭވާ އަދި ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނެއެވެ. މިއީ އިންޑިޔާއިން ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ކާގޯ ގެނައުމަށް މި ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން މެދުނުކެނޑި، އެ އޮޕަރޭޝަނަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި އުފެއްދުންތެރިކަމުގެ އާ ރެކޯޑެއް އެމްޕީއެލުން ވަނީ ގާއިމުކޮށްފައެވެ.
އެގޮތުން އެމްޕީއެލްގެ ހަޔާތުގައި، އެއްދުވަހަކަށް އެންމެ ގިނަ ކޮންޓެއިނަރ ހޭންޑުލްކުރެވުނު ތާރީޚީ ދުވަހެއްގެ ގޮތުގައި ބުރާސްފަތި ދުވަސް ވެގެން ދިޔައިރު، 934 ކޮންޓެއިނަރަށް ޚިދުމަތް ދެވިފައިވެއެވެ. މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނަރ އެއްދުވަހަކަށް ހޭންޑުލްކުރެވިފައިވަނީ ވެސް މި ދައުރުގައެވެ. އެއީ 650 ކޮންޓެއިނަރ އެވެ.
މި ތަރައްޤީތަކަކީ ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ކުރިއެރުން ގެނެސްދޭނެ ކަންކަން ކަމަށް ބެލެވެއެވެ.

