ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް އެކޯޓްގައި ތާވަލުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނު 5 އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ތަޢާވަލުކޮށްފައިވަނީ މާދަމަ އާއި، އޭގެ އަނެއް ދުވަހުގެ ހެނދުނު 09:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

